ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ އާއި ބާސެލޯނާ ކުޅުނު މެޗުތަކުން ބަލިވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ކާމިޔާބުކުރި ގޯލުން ވިޔަރެއާލް އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިވީ ޔުވެންޓަސް ދަނޑުގައި 1-0 އިންނެވެ. އަދި ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ބާސާ ބަލިވީ ރަށުން ބޭރުގައި ބެންފީކާ އަތުން 3-0 އިންނެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަަމަވެސް ވިޔަރެއާލް އިން ވަނީ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ވިޔަރެއާލް އިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް 53 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި އަލްކަސާ ވަނީ ވިޔަރެއާލަށް ލީޑު ނަގާދީފައެވެ.
ވިޔަރެއާލަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ހަތް މިނެޓަށް ކަމަށްވާއިރު، މެޗުގެ 60 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ނަގައިދިން ހުރަހަކުން އެލެކްސް ޓެލެސް ޖެހި ގޯލުން ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލަށްފަހު ޔުނައިޓެޑުން ލީޑު ނަގަން ވަރަށް ބޮޑަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ލިންޑާގް އޭރިއާ ތެރެއިން ދިން ޕާހަކުން ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ ގޯލަށް ފޮނުވާލައިގެން ޔުނައިޓެޑް ވަނީ މެޗުން މޮޅުވެފައެވެ.
ޔުވެންޓަސް އިން ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ ބަލިކުރި ގޯލު ޖެހީ ދެ ވަނަ ހާފްގެ ކުުޅުން ފެށިގެން 10 ސިކުންތު ތެރޭގަ އެވެ. މި ގޯލު ޔުވެންޓަސް އަށް ކާމިޔާބުކޮށްދީފައިވަނީ ފެޑެރީކޯ ކިއޭސާ އެވެ. ނަތީޖާ އެއްވަރުކޮށްލަން ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އަދި ފަހު މިނެޓްގައި ކައި ހަވެޓްޒް އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ޕްރެޝަރު ބޮޑުވެފައިވާ ބާސާއާ ދެކޮޅަށް ބެންފީކާ އިން ކުޅުނު މެޗުގެ ފުރަތަމަ ގޯލު އެޓީމަށް މެޗުގެ ތިންވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑާވިން ނޫނޭޒް އެވެ. އަދި ދެ ވަނަ ހާފްގައި ރަފާ ސިލްވާ ބެންފީކާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަހު ގޯލު ވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ކާމިޔާބުކުރި ނޫނޭޒް އެވެ.
ބާސާ އިން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ. އެއީ މެޗުގެ 87 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު އެރިކް ގާސިއާ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެެވެ.