އައްޑޫސިޓީގައި މީގެ ހަ އަހަރު ކުރިން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 10 އަހަރަށް ޖަލަށް ލުމަށް އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި އެ މީހާގެ މައްޗަށް ދައުވާކޮށްފައިވަނީ އެ ކުޑަކުއްޖާ ދީފައިވާ ބަޔާނާއި، ބަޔާނުގައި ހުރި ކަންކަމަށް ބާރުލިބޭގޮތަށް ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށެވެ.
މި މައްސަލައިގައި ހިމެނޭ މީހާގެ މައްޗަށް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އުފުލުމުން އޭނާވަނީ އެ ކުށަށް އިންކާރުކޮށް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ނުކުރާކަމަށް ބުނެފައެވެ.
މި މައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ، މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުން، އެކުއްޖާ ދީފައިވާ ބަޔާނުގައި ހުރިކަންކަން ހިނގާފައިވާކަމަށް ބާރުލިބޭކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގު މަރުހަަލާގައި އެމީހާ ދައްކާފައިވާ ބައެއް ވާހަކަތައް އެއީ އިއުތިރާފެއްކަމަށް ބެލެވޭނެކަމަށެވެ.
އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.