Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

"އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް" ގެ ހިންގާ ކޮމިޓީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލް އިދާރާ:

އައްޑޫ ސިޓީ ކައުންސިލްގެ "އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް" ގެ ހިންގާ ކޮމިޓީގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ފަތުރުވެރިކަމާ ގުޅޭ ދާއިރާއިންނާއި އާންމު ރައްޔިތުންގެތެރެއިން ބޭފުޅެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ކޮމިޓީއަށް ކުރިމަތިލައްވާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ، ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ، ފަތުރުވެރިކަމުގެ ދާއިރާނަމަ މެނޭޖަރ ލެވެލްއިން ފެށިގެން މަތީ މަގާމެއް އަދާކުރާ ނުވަތަ ކޮށްފައިވާ އަދި އައްޑޫގައި ދިރިއުޅުއްވާ އައްޑޫ ރައްޔިތަކަށް ވާންޖެހެއެވެ.

މި ދާއިރާތަކުން ކޮމިޓީގައި ހިމެނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް އައިޑީ ކާޑް ކޮޕީއާއި އެކު ވަނަވަރު ހުށަހެޅުއްވުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.

"އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް" ގެ ނަމުގައި ފަންޑެއް ޤާއިމު ކޮށްފައިވަނީ 05 މެއި 2016 ގައެވެ.

މި ފަންޑްގެ ބޭނުމަކީ އައްޑޫ ސިޓީ ކައުންސިލް ހިމެނޭ ދާއިރާގެ ރައްޔިތުންނާއި ދާއިރާގެ ތަރައްޤީއަށް އެހީތެރިވުމަށް އެދޭ ރާއްޖޭގައި ހިންގާ ވިޔަފާރިތަކުންނާއި އެނޫންވެސް ފަރާތްތަކުން މިދާއިރާގެ ތަރައްޤީއަށް ޚަރަދުކުރުމަށް ދޭ ފައިސާ، އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑްގެ ޓްރަސްޓް ސްޓޭޓްމަންޓްގެ ޖަދުވަލު 1 ގައި ކަނޑައެޅިފައިވާ ގޮތަށް ބޭނުން ކުރަންޖެހެންދެން ޖަމާކޮށް ބެހެއްޓުމެވެ.