ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު "އޯގްމެންޓިންގް މެރިން ސޭފްޓީ، ސެކިއުރިޓީ އަދި އެންވިރޮމެންޓް ޕްރޮޓެކްޝަން އިން ދަ ރީޖަން ތްރޫ ދަ ކޯޕަރޭޝަން އިން ދަ ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގް އޮފް ޝިޕްސް (އެލްއާރްއައިޓީ) ސިސްޓެމް " އެމްއޯޔޫގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރުއެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.
މި އެމްއޯޔޫގެ ދަށުން ރާއްޖޭއަށް އިންޑިއާގެ އެލްއާރްއައިޓީ ހިދުމަތްތައް، ނެޝަނަލް ޑާޓާ ސެންޓަރު (އެންޑީސީ) އަދި އެތަނުގެ އެލްއާރްއައިޓީ ކޮންފޯރމަންސް ޓެސްޓު ފެސިލިޓީ ހިލޭ ބޭނުން ކުރެވޭނެއެވެ. މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭ، އައިއެމްއޯ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އިތުރު އެންޑީސީއެއްގެ ބޭނުމަކާއި ނުލާ އަދާކުރެވޭނެއެވެ.
ދެގައުމުންވެސް އެއްބަސް ވެފައިވަނީ "މެރިޓައިމް އެސިސްޓަންޓް ސާރވިސެސް"، "މެރިޓައިމް ކޮންޓިންޖެންސީ މެނޭޖްމަންޓް ސިސްޓެމް" އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަށް ފާހަގަކޮށް، ގުޅިގެން ހިންގާ ތަމްރީނު ޕްރޮގްރާމް ތަކާއި ،ތަޖުރިބާއާއި މަޢުލޫމާތު ހިއްސާ ކުރުމަށެވެ.