Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނި މީހާއަށް ދައުވާކޮށްފި

އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މީހާއަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ މއ. ރެސްޓިންގހައުސް، މުހައްމަދު އިނާދު 30 ޖޫން 2021 ދުވަހު، ޓްވިޓަރ ގައި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދިން މައްސަލާގައި ދައުވާކޮށްފައިވާކަމަށެވެ.

އެގޮތުން އިނާދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ (ހ) އާއި، 4 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާ ޙަވާލާދީ، 13 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީން މައުލޫމާތުދެއެވެ. .

މި ކުށުގެ އަދަބަކީ 4 އަހަރާއި 6 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.