އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފަށުމަށް ހަމަޖެހިފައިވާކަން އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި އެކު އެ ކުންފުނިން ކުރި މަޝްވަރާތަކަށްފަހު 1 އޮކްޓޯބަރ 2021 ވަނަ ދުވަހުން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ޙިދުމަތް ފުޅާކުރުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނަށް ދެމުންދާ ބަހުގެ ޙިދުމަތް ފުޅާކޮށް މި ޚިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށްވެސް ދެވޭނެ ގޮތަށް ބަސްރޫޓަށް ބަދަލު ގެނެސްފައިވާކަމަށެވެ.

ހުޅުމާލޭ ބަހުގެ ހިދުމަތުގެ އަގަކީ 5 ރުފިޔާއެވެ. އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ. އަދި މި ޚިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށެވެ.