Last Updated: July 21, 18:02
Tuesday, July 21, 2026
ކުޅިވަރު

ގައުމީ ޓީމު މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދެނީ

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމު މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަކުރެއްވީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޤައުމީ ޓީމާ މުޚާތަބްކުރައްވައި ރައީސް ވަނީ ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ޤައުމެއްކަމަށާއި، ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށްކަމުގައި ހާމަކުރައްވާފައެވެ.

އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރުތަކާއި ކުޅިވަރު އިންފްރާސްޓްރަކްޗަރތައް ތަރައްޤީކުރުމަށް އިސްކަންދެއްވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. މިގޮތުން، ޤައުމީ ފުޓްބޯޅަ ދަނޑު ބޭނުންވާ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން އެހެން ހުރިހާ ކަމަކަށް އަސަރުކުރި ފަދައިން ފުޓްބޯޅައަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމަށާއި މި ލިބުނު ކުޑަ މުއްދަތު ތެރޭގައި ޤައުމީ ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ ޢަދަދު މީގެ ކުރިން ބޮޑުކުރައްވާފައިވާކަމުގައި ވިދާޅުވެ، އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމުގައި ވިދާޅުވެފައެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.