މާދަމާ ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޖޯޒީ ދައްކާލައިފިއެވެ.
މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޖޯޒީ ލޯންޗުކޮށްދެއްވީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އެވެ.
މި ޖޯޒީގައި ބޭނުންކޮށްފައިވަނީ ގައުމީ ދިދައިގެ ކުލަތަށް ކަމަށްވާ ރަތާއި، ފެހި އަދި ހުދު ކުލަ އެވެ. މި ޖޯޒީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ ބްރޭންޑެއް ކަމަށްވާ އައިލެންޑް އެޕެރަލްސްއެވެ.
ސާފް ޗެމްޕިއަންޝިޕް ހުޅުވާ ރަސްމިއްޔާތު މާދަމާ ރޭ ބާއްވާއިރު، މާދަމާ ރޭ ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލެވެ. އަދި މާދަމާ ހަވީރު ސްރީ ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާނެއެވެ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި އަންނަ މަހުގެ ހަތްވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.
މިއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.