ސާފް ޗެމްޕިއަންޝިޕްގައި މިރޭ ނޭޕާލް އާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކުރައްވައިފިއެވެ.
މި ޖޯޒީ ރައީސް ސޯލިހާއި ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ބައްސާމް ވަނީ މި މުބާރާތުގައި ރާއްޖެއިން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ދެ ޖޯޒީއެއް ރައީސަށް ހަދިޔާކުރައްވާފައެވެ.
President of @MaldivesFA @bassam_jaleeI presents the National Football Team jerseys to President @ibusolih prior to the kickoff of #SaffChampionship2021 tonight pic.twitter.com/QEodAgJHez
— The President's Office (@presidencymv) October 1, 2021
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ވެސް ބައްލަވާލެއްވުމަށް ރައީސް ދަނޑަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ސާފް ޗެމްޕިއަންޝިޕް ހުޅުވާ ރަސްމިއްޔާތު މިރޭ ބާއްވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ސްރީ ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާނެއެވެ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި މި މަހުގެ ހަތްވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.
މިއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.