އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ސްރީލަންކާގެ މައްޗަށް 1-0 އިން ބަންގްލަދޭޝް އިން ކުރި ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބަންގުލަދޭޝްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވާއިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 56 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ބަންގްލަދޭޝް އަށް ކާމިޔާބުކޮށްދިނީ ޓޯޕޫ ބާމަން އެވެ. މި ޕެނަލްޓީ ބަންގްލަދޭޝް އަށް ލިބިފައިވަނީ ސްރީލަންކާގެ ޑަކްސަން ޕުސްލަސް އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ. އެއާއެކު ރެފްރީ ވަނީ އޭނާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ލަންކާ އިން ފުރިހަމަ ކުރަން ޖެހުނުއިރު އެޓީމަށް ބަންގްލަދޭޝްގެ ގޯލަށް މާބޮޑު ނުރައްކަލެއް މި މެޗުގައި ކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބަންގްލަދޭޝް އިން ވަނީ ގޯލަށްފަހު ވެސް ލަންކާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބަންގްލަދޭޝް ކުޅުންތެރިންގެ އެޓޭކިން ޕާސްތައް މި މެޗުގައި ފެނިގެންދިޔައީ ފުދޭވަރަކަށް އާދައިގެ ގޮތަކަށެވެ.
ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި މި މަހުގެ ހަތަރުވަނަ ދުވަހު ބަންގްލަދޭޝް ނިކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ. ހަމަ އެ ދުވަހުގެރޭ ލަންކާ ބައްދަލުކުރާނީ ނޭޕާލް އާއެވެ.
މި މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅޭނެއެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލް އެވެ. މި މެޗު ފެށުމުގެ ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.