Last Updated: July 21, 18:02
Tuesday, July 21, 2026
ކުޅިވަރު

ބަންގްލަދޭޝް ސަޕޯޓަރުން މާލޭގެ މަގުތަކުގައި އުފާފާޅުކުރަނީ

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް މޮޅުވުމުން އެ ޓީމުގެ ސަޕޯޓަރުން މާލޭގެ މަގުތަކުގައި އުފާފާޅުކުރަން ފަށައިފިއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް މޮޅުވީ މިއަދު ހަވީރު ސްރީލަންކާއާ ބައްދަލުކޮށް 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 56 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ބަންގްލަދޭޝް ޓީމަށް ކާމިޔާބުކޮށްދިނީ ޓޯޕޫ ބާމަނެވެ.

މި މެޗުގައި ބަންގްލަދޭޝް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު ލީޑު ފުޅާކޮށްލަން ވެސް އެޓީމަށް ދެވަނަ ހާފްގައި ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.

މި މެޗު ބެލުމަށް ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނޑަށް ވަދެ ޓީމަށް ވަނީ ސަޕޯޓު ދީފައެވެ. އަދި މެޗުން މޮޅުވުމުން ބަންގްލަދޭޝްގެ ސަޕޯޓަރުން މިހާރު އަންނަނީ އެގައުމުގެ ދިދައާއެކު މާލޭގެ މަގުތަކުގައި އުފާފާޅުކުރަމުންނެވެ.

ބަންގްލަދޭޝް އަކީ މި މުބާރާތުގެ 2003 ވަނަ އަހަރުގެ ޗެމްޕިއަނުންނެވެ.

ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި މި މަހުގެ ހަތަރުވަނަ ދުވަހު ބަންގްލަދޭޝް ނިކުންނާނީ އިންޑިޔާއާ ދެކޮޅަށެވެ. ހަމަ އެ ދުވަހުގެރޭ ލަންކާ ބައްދަލުކުރާނީ ނޭޕާލް އާއެވެ.

މި މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅޭނެއެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލް އެވެ. މި މެޗު ފެށުމުގެ ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.