Last Updated: July 21, 18:02
Tuesday, July 21, 2026
ކުޅިވަރު

ހަންނަ އާއި އިއްބެ: ގައުމީ ޓީމުގައި ހިމެނޭ އައްޑޫގެ ދެ ފަހުރު

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނޭޕާލާ ދެކޮޅަށް ނުކުންނައިރު އައްޑޫ ސިޓީ އަށް ނިސްބަތްވާ ދެ ކުޅުންތެރިއަކު ޓީމުގައި ވަނީ ހިމަނާފައެވެ. އެއީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ފޭދޫ އިއްބެ އަކީ މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރު ސާފްގެ ޗެމްޕިއަންކަން ރާއްޖެ އަށް ހޯދައިދިން ޓީމުގެ ވަރަށް މުހިއްމު ކުޅުންތެރިއެކެވެ. މާޒިޔާ އަށް ކުޅެމުން އަންނަ އިއްބެ އަކީ މިފަހަކަށް އައިސް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަމުންދާ ކުޅުންތެރިއެކެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސ. ފޭދޫ ޓީމުން ވިދާލި އިއްބެ ވަނީ ޓީސީ އަށް ވެސް މީގެކުރިން ކުޅެފައެވެ. އެގޮތުން 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ޓީސީން ކާމިޔާބު ކުރިއިރު އިއްބެ ވަނީ އެޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މިފަހަރުގެ މުބާރާތަކީ ގައުމީ ޓީމުގައި ހިމެނިގެން ޒުވާން ހުނަރުވެރި ކުޅުންތެރިޔާ، ހަންނަ ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ. އީގަލްސްގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަންނަގެ ކުޅުން އެޓީމުގެ ލޮލުގައި އަޅައިގަތީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ހިތަދޫގެ ޓީމަށް ކުޅުނު އިރެވެ. ހަންނަ އަކީ އީގަލްސްގެ ފުރަތަމަ އެގާރާގައި ހިމެނިގެން މިހާރު ކުޅެމުންދާ ކުޅުންތެރިއެކެވެ.

ހަންނަ ވަނީ އީގަލްސް އާއެކު މިހާތަނަށް 2016 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް އަދި އެ އަހަރު ބޭއްވި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ގައުމީ ޓީމުގައި އައްޑޫ އަށް ނިސްބަތްވާ ކުޅުންތެރިން ވަނީ މިދިޔަ އަހަރުތަކުގައި ވެސް ހިމެނިގެން ކުޅެފައެވެ. އޭގެތެރޭގައި އަހުމަދު ނާޝިދު (ނައްޓޭ) އާއި މުހައްމަދު އާރިފް (ބަކާ) އަދި ޝަމްވީލް ގާސިމް (ބޮންޑާ) ގެ އިތުރުން އަހުމަދު ސައީދު (އަންމަޓީ) މެންފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މުބާރާތުގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.