Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އެމްއާރްއެމްގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަން މިއަދު ކުރިއަށްދަނީ

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަން މިއަދު ފަށައިފިއެވެ.

އެމްއާރްއެމްގެ ފުރަތަމަ ކޮންވެންޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 09:30 އިން ފެށިގެން އިރުއޮށްސި 06:00 އާ ހަމައަށެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ މި ކޮންވެންޝަންގައި އެމްއާރްއެމްގެ އަސާސީގަވައިދާއި އިތުރު ގަވައިދުތައް ފާސްކުރުމާއި އެމްއާރްއެމްގެ އެކި މަގާމްތަކަށް މެމްބަރުން އިންތިހާބު ކުރުން ހިމެނެއެވެ. އަދި ކޮންވެންޝަން ނިންމުމުގެ ގޮތުން ބައްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 05:00 ގައެވެ.

އެމްއާރްއެމްގެ އެކި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މީގެކުރިން ހުޅުވާޅިއިރު، ޕާޓީގެ ޒައީމްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ރައީސް މައުމޫން އެކަންޏެވެ. އަދި ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތި ލައްވާފައިވަނީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫނެވެ. އަދި ޕާޓީގެ ނައިބު ރައީސް ކަމަށް ހޮވާ ދެ ބޭފުޅުންގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ މަގާމަށް ކުރިމަތިލެއްވީ އާމިނަތު ނާދިރާ އެކަނިއެވެ.

މީގެއިތުރުން އެގްޒެކެޓިވް ކޮމިޓީ އަށް އަންހެން އަދި ފިރިހެން ހިމެނޭ ގޮތަށް 20 ފަރާތެއް އިންތިހާބު ކުރާއިރު، ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ އިތުރުން އަންހެނުންގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ކަމަށްވެސް ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރެޖިސްޓްރީ ކުރީ ޑިސެމްބަރު 20، 2019 ގައެވެ.