Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ޑރ. މުއިއްޒުގެ ޝަރީއަތެއް މާދަމާ

މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ބޭއްވި އަޑުއެހުމުގައި--

ކުރީގެ ހައުންސިން މިނިސްޓަރު އަދި މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ޝަރީއަތެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

ޑރ. މުއިއްޒުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ 11:00 އަށެވެ. މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި މީގެކުރިން ޕީޖީން ބުނެފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން (ނޫމަޑި) ނަމަކަށްކިޔާ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާކަމަށެވެ.

ދައުވާތަކަށް ޑރ. މުއިއްޒު ވަނީ އިންކާރު ކޮށްފައެވެ. އަދި މީގެކުރިން ބޭއްވި އަޑުއެހުމެއްގައި މުއިއްޒުގެ ވަކީލުން ވިދާޅުވީ ދައުލަތުން ބުނާފަދަ އެއްވެސް ބަޔާނެއް މުއިއްޒު ދީފައިނުވާނެ ކަމަށާއި، އެ މައްސަލައިގައި އެއްވެސް މަޝްވަރާއެއްގައިވެސް ބައިވެރިނުވާކަމަށެވެ.