މިދިޔަ މަސް ނިމުނު އިރު ފްރަންޓްލައިން އެލަވެންސް 13،000 އަށްވުރެއް ގިނަ މީހުނަށް ދީފައިވާކަން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ މަސް ނިމުނު އިރު 13،052 މީހަކަށް ވަނީ ފްރަންޓްލައިން އެލަވެންސް ދީފައެވެ. އެގޮތުން ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި މިހާތަނަށް 177.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް ތަފާސްހިސާބުން ދައްކައެވެ.
ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުން އެލަވެންސް ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރު މޭ މަހުން ފެށިގެންނެވެ.
މި އެލަވަންސް ފްރަންޓްލައިން މަސައްކަތްތެރިންނަށް ދޭން ނިންމާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހައި ރިސްކް ކެޓަގަރީ، މީޑިއަމް ރިސްކް ކެޓަގަރީ އަދި ލޯ ރިސްކް ކެޓަގަރީއެވެ.
ތިން ކެޓަގަރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެލަވަންސްގެ އަދަދު ވަނީ ތަފާތުކޮށް ކަނޑައަޅުއްވާފައެވެ. އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކް މީހުންނާއި، އެފަދަ ތަކެއްޗާއި، ގާތުން ދިމާވެދާނެ މީހުން ހައި ރިސްކް ކެޓަގަރީގައި ހިމަނާ، އެ ކެޓަގަރީގެ މީހުންނަށް ދުވާލަކަށް 500 ރުފިޔާ އެލަވަންސްގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭން ނުޖެހުނު ނަމަވެސް، ހައި ރިސްކް މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނަށް ދުވާލަކަށް ދިނުމަށް ނިންމީ 250 ރުފިޔާއެވެ. ލޯ ރިސްކް ކެޓެގަރީގައި ހިމެނޭ މީހުންނަށް ދޭން ނިންމީ ދުވާލަކަށް 200 ރުފިޔާ އެވެ.
ލޯ ރިސްކް ކެޓަގަރީގައި ހިމެނެނީ ހައި ރިސްކް އަދި މީޑިއަމް ރިސްކް ކެޓެގަރީގައި ނުހިމެނޭ، އެހެން ނަމަވެސް ދުވާލެއްގެ މައްޗަށް 6 ގަޑިއިރު، ކޮވިޑް-19 ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންނެވެ