ބޮކްސް އޮފީހުގައި މިހާރު ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ދޫމް 3" ގެ އެކްޓަރު އުދޭ ޗޯޕްޅާ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް މީޑިއާތަކުން ސިފަ ކުރަމުން އަންނަ ބަތަލާ ނަރްގިސް ފަހުރީ، އާ އަހަރުގެ ޗުއްޓީ ރާއްޖޭގެ ރިސޯޓެއްގައި ހޭދަ ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލީކްވެއްޖެ އެވެ.
ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް މިހާތަނަށް އެއްބަސްވެފައި ނުވާ މި ދެ ތަރިންގެ ޗުއްޓީ ފޮޓޯތަކެއް ލީކް ކުރީ އިންޑިއާގެ ފިލްމީ ހަބަރުތައް ގެނެސްދޭ މަޝްހޫރު ވެބްސައިޓް ޕިންކްވިލާ އިންނެވެ.
އެ ފޮޓޯތަކުން ފެންނަނީ "ރޮކްސްޓާ" އާއި "މެޑްރާސް" ކެފޭ އިން ފެނިގެން ދިޔަ ބަތަލާ ކަޅު ބިކިނީއެއްގައި ހުއްޓަ އެވެ.
"ދޫމް" ސީރީސްގައި އަލީ ރޯލް ކުޅޭ އުދޭ ފެންނަނީ ހަމައެކަނި ސޯޓެއް ލައިގެން ހުއްޓަ އެވެ. އުދޭއަކީ ބޮލީވުޑްގައި "ކިންގް އޮފް ރޮމާންސް" ގެ ނަމުން މަޝްހޫރު މަރުހޫމް ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ހަގު ދަރި އެވެ.
ނަރުގިސް އެންމެ ފަހުން ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވަނީ ޝާހިދު ކަޕޫރާ އެކު "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" ގެ އައިޓަމް ލަވައަކުންނެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެެއިން ދެން އެންމެ އަވަހަށް ރިލީޒް ވަނީ ވަރުން ދަވަން އާ އެކު ކުޅެފައިވާ "މޭ ތޭރާ ހީރޯ" އެވެ.
އޭނާގެ ބޭބެ އަދި ކުޅަދާނަ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އާއި ބަތަލާ ރާނީ މުކަރުޖީ އަންނަ މަހުގެ 10 ގައި ކައިވެނި ކުރަން އުޅޭ ކަމަށް ވެސް މީޑިއާތަކުން ވަނީ އަޑު ފަތުރައިފަ އެވެ.
މި ދެ ތަރިންގެ މިފަދަ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން، މީޑިއާތަކުން މިހާރު ކަށަވަރު ކުރާ ގޮތުގައި ނަރުގިސް އާއި އުދޭގެ މެދުގައި ލޯބީގެ ގުޅުމެއް ހިނގާކަން މިހާރު މި ވަނީ ފަޅާ އަރައިފަ އެވެ.
މިފަދަ ފޮޓޯތަކެއް ދާދި ފަހުން ރަންބީރު ކަޕޫރާއި ކެޓްރީނާ ކެއިފް ސްޕެއިންގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ވެސް ނަގައި ލީކްކޮށްލާފައިވެ އެވެ.

