Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ޖާބިރަށް ހަމަލާ ދީގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

ޖާބިރު އއ. މަތިވެރިއަށް ދިއުމުން އޭނާއާ ދެކޮޅަށް އެރަށު ރައްޔިތުން އިހުތިޖާޖު ކުރިއިރު، އޭނާއަށް ހަމަލާދިންކަމަށް ތުހުމަތުކޮށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ.

މި ދެމީހުންގެ ބަންދަށް މީގެކުރިން ކޯޓުން ހަތް ދުވަސްވެސް ދިނެވެ. އެހެންނަމަވެސް މިހާރު އެމީހުން ދޫކޮށްލާފައިވަނީ ތަހުގީގަށް ބޭނުންވާވަރަށް މައުލޫމާތު ނެގުމަށްފަހުކަމަށް މައުލޫމާތުލިބެއެވެ.

ޖާބިރާ ދެކޮޅަށް މަތިވެރީގައި ރައްޔިތުން އިހުތިޖާޖު ކުރިފަހުން ޖާބިރު ވަނީ އެމްއެންޑީއެފްގެ ސެކިއުރިޓީ އޭނާއަށް ހަމަޖައްސައިދިނުމަށް މަޖިލީހުގައި އެދިފައެވެ. އަދި ޖާބިރު ސެކިއުރިޓީ ހަމަޖައްސައިދިނުމަށް މަޖިލީހުން ވަނީ އެމްއެންޑީއެފްގައި އެދިފައެވެ.

މިފަހުން މަތިވެރިއަށް ޖާބިރު ދިއުމުން އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ވަނީ ޖާބިރާ ދެކޮޅަށް އަޑުގަދަކޮށް އޭނާ ރަށުން ބޭލުމަށް ގޮވާލާފައެވެ. އެރަށު ރައްޔިތުންގެ ހިތްހަމަނުޖެހުން އެފެދިފައިވަނީ އެރަށުގައި ޖާބިރު ހިންގާ ހޮޓަލުގެ ބިމު ކުލި ކައުންސިލަށް ނުދައްކާތީ އާއި އެތަނުގައި މަސައްކަތްކުރި ފަރާތްތަކަކަށް ދޭންޖެހޭ މުސާރަ ނުދީ އޮތުމުންނެވެ.