Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު އަބްދުﷲ ސޯދިގު (ސޯބެ)

ސްޓޭޓް މިނިސްޓަރު، ސޯބެ މަސައްކަތް ކުރައްވާނީ އައްޑޫގައި ހުންނަވައިގެން، އޭނާގެ އުއްމީދުތައް ބޮޑު

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އިއްޔެ އައްޔަން ކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު(ސޯބެ) އައްޑޫ ސިޓީގައި ހުންނަވައިގެން މަސައްކަތައް ކުރައްވާ ގޮތައް ހަމަ ޖައްސަވައިފި އެވެ.

ސޯބެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ އައްޑޫ ސިޓީގައި ހުންނަވައިގެން މަސައްކަތް ކުރައްވާ ގޮތައްކަން އައްޑޫ ލައިވްއަށް ވެސް ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ. އެހެން ކަމުން ސޯބެ ވެފައިވަނީ އަތޮޅު ތެރޭގައި ހުންނަވައިގެން މި ސަރުކާރުގައި ފުރަތަމަ ސްޓޭޓް މިނިސްޓަރަށެވެ.

ސޯބެ ވިދާޅުވީ އޭނާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހައުސިން މިނިސްޓްރީ މެދުވެރިކޮށް އައްޑޫގައި ހިންގާ ޕްރޮޖެކްޓްތަކުގައި އެންމެ އިސް މީހެއްގެ ހައިސިއްޔަތު ހިނގާ ނުހިނގާ ގޮތް ބެލުމެވެ.

އެހެން ކަމުން އައްޑޫގައި ފަށަން ހަމަ ޖައްސާފައިވާ ބިން ހިއްކުމުގެ މަސައްކަތާއި ޒާމާނީ ފެންވަރަށް މަގުތައް ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމު ކުރެވުމުގެ މަސައްކަތް ހިނގާއިރު ހައުސިން މިނިސްޓްރީގެ ފަރާތުން އެކަން ދާ ގޮތް ބެލުމަށް އެންމެ އިސްކޮށް ހުންނަވާނީ ސޯބެ އެވެ. ސޯބެ މަސައްކަތް ކުރައްވާނީ ޕްލޭނިން މިނިސްޓްރީގެ އޮފީހެއްގަ އެވެ.

"ބިންހިއްކުމާއި މަގުތައް ހެދުމާއި މިކަން ކަމަކީ ސަރުކާރުގެ ވައުދެއް. އެހެންވީމަ މި ވައުދުތައް ފުއްދުމަށް މިނިސްޓްރީގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކުރަމުންދާނަން އަޅުގަނޑު،" ސޯބެ ވިދާޅުވިއެވެ.