ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަން އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ އިހަވަންދޫ ބަނދަރު މަސައްކަތުގެ 66 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހުގެ ޝިޕްމަންޓް 2 އޮކްޓޯބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށާއި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
އިހަވަންދޫ ބަނދަރު މަޝްރޫއު އަކީ 62.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.