Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ހިޔާނާތުގެ ފައިސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ޖެހިފައިވޭ

އަލީ ވަހީދު - ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ޖެހިފައިވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރައްވައިފިއެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުރުން ޖަރީމާތަކުގައި އުޅުއްވާ އެމްއެމްޕީއާރްސީގެ ވަގު ފައިސާގައި ޖެހިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ވެސް ވިލާތުގެ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.

"އިންތިޒާރު މިކުރަނީ ވިލާތުގެ ކޯޓުގައި ހެއްކާ ޤަރީނާގެ މައްޗަށް ދުނިޔެ ކުރިމަތީ ހަޤީޤަތް ހާމަވާނެ ދުވަހަކަށް" އަލީ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެއްވި ނަމަވެސް އެއީ ކޮން ފަނޑިޔާރެއް ކަމެއް އަލީ ހާމަކުރައްވާފައެއް ނުވެއެވެ.

މީގެއިތުރުން އަލީ ވަހީދު ވަނީ މައްސަލައެއްގައި ދައުވާ ލިބޭ މީހާ ރާއްޖެއިން ބޭރުގައި ހުއްޓާ، ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ޝަރީއަތް ނުބޭއްވުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް ނެރުނު ވަގުތީ އަމުރާއި ގުޅޭގޮތުން ވެސް ޓްވީޓެއް ކުރައްވާފައެވެ.

އެ ޓްވީޓުގައި އަލީ ވަނީ އޭނާ ފުރުވާލީވެސް ދައުލަތުން ކަމަށާއި އޮންލައިންކޮށް ޝަރީޢަތް ކުރީވެސް ދައުލަތުން އަދި ފަޟީހަތާއި ޖަރީމާތައް ފަޅާއަރަން ފެށުމުން ޝަރީޢަތް ހުއްޓުވާލީވެސް ދައުލަތުން ކަމަށް ވިދާޅުވެފައެވެ.

"ވުޖޫދުގައި ނެތް ކަމެއްގެ މައްޗަށް އަޅުގަނޑާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގެ ކުރިމަތީ އަމާން ނުދޭނަން. ފަހަތަކަށްވެސް ނުޖެހޭނަން" އަލީ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް ސޮއި ކުރައްވާ ނެރުނު އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، އަލީ ވަހީދުގެ މައްސަލައިގައި ވެސް އަދި ކްރިމިނަލް ކޯޓުން ބަލަމުންގެންދާ އެހެން މައްސަލައެއްގެ އަޑުއެހުމެއްވެސް ދައުވާ ލިބޭ ފަރާތް ރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް އޯޑިއޯ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދިއުމަށް އަންގާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ އަޑުއެހުމެއް މީގެކުރިން ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓު ފޮނުވާ، ޝަރީއަތަށް ހާޒިރުވެފައިނުވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށްވެސް ހުކުމް ކޮށްފައިވެއެވެ.

އަލީ ވަހީދުގެ މައްޗަށް އިއްވާފައިވާ މި ހުކުމާ ގުޅިގެން އެހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށްގެންދާތީ އެކަމުގައި މީގެ ކުރިން އެކިފަހަރުމަތިން ޕީޖީ ހުސައިން ޝަމީމު ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.