Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އުއްތަމަފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ބެލުމަށް ގޮވާލާ މައްސަލައެއް ހުށަހަޅައިފި

މޫސާ ސިރާޖު - ފޮޓޯ: މަޖިލިސް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މި މައްސަލައަށް ބަހުސް ކުރުމަށް ފެންނަކަމަށް 28 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

މޫސާ ސިރާޖު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރުވެސް ގެންދަވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް އަމާޒުކޮށް 6 މެއި ގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ކަމަށާއި, ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ހަމަލާ ދެވިފައިވަނީ ސެކިއުރިޓީ ބްރީޗްވެގެން ކަމަށެވެ. މިހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ހިންގި ޕާލިމެންޓަރީ އިންކުއަރީއިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ 6 މެއި ގައި ހަމަލާ ދެވިފައިވަނީ ސަލާމަތީ ހިދުމަތް ފޯރުކޮށްދިނުމުގައި ބަލަންޖެހޭ މިންވަރަށް ބެލިނުވާތީ ކަމަށް މޫސާ ސިރާޖު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދެވުނުތާ ފަސް މަސް ހަމަނުވެއޮށްވާ އުއްތަމަފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗެއް ހިނގާފައިވާކަމަށެވެ.

"ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ވެރިންގެ ސެކިއުރިޓީ ބްރީޗްވުމަކީ މުޅި ރައްޔިތުންގެ ސެކިއުރިޓީއާމެދު ސުވާލު އުފެދޭކަމެކެވެ. އަދި ބިރުވެރި ކަމެކެވެ. އަދި އުއްތަމަފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތްކުރީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތެއްކަމުގައި ބުނެ ކަންކަން ނިންމާލެވޭ ވަރަށްވުރެއް މިފަދަ ކަންކަން ސީރިއަސްކޮށް ނަގަންޖެހޭ ހިސާބަށް މިހާރު ޤައުމުގެ ހާލަތު ވަނީ ގޮސްފައެވެ." މޫސާ ސިރާޖު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން މިކަން ހިނގާފައިވާގޮތް ބެލުމަށާއި މިކަމުގައި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށަހަޅާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

އުއްތަމަފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްވި މައްސަލައިގައި އެމްޑީޕީންވެސް އަދި އިދިކޮޅުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.