މުޖުތަމައަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި، މުދައްރިސުން އަދާކުރައްވަނީ ޤައުމީ ޚިދުމަތުގެ ވަރަށް މުހިންމު ވާޖިބެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި ތަހުނިޔާގެ ހިތާބުގައެވެ.
ހިތާބުގައި ރައީސް ސޯލިހް ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން ކުރައްވާ މަސައްކަތަކީ، މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށްވުރެ އަގު މާތް ޖިހާދެއް ކަމަށެވެ. ހަމައެފަދައިން، ޤައުމުގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުން ކަމަށެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގައި އެތައް ދަތިތަކެއް ތަހައްމަލު ކުރައްވައިގެން، ޤައުމުގެ ދަރިންނަށް ކިޔަވައިދެއްވުމުގައި، މުދައްރިސުން އުފުއްލެވި ބުރައަށްޓަކައި، މުޅި ޤައުމު އެ ބޭފުޅުންނަށް ޝުކުރުވެރިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މި އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރާއިރު، ތަޢުލީމީ އުމުރުފުރާގެ އާބާދީއަށް މިވަގުތު ސަމާލުކަން ދޭންޖެހެނީ، ކޮން ދާއިރާތަކަކުންތޯ ވިސްނައިލުން މުހިންމެވެ. މަސްތުވާތަކެތީގެ ވަބާއިން ޤައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި އަމަލުތަކުން، އަޅުގަނޑުމެންގެ ޅަދަރިން ސަލާމަތްކުރުމަކީ، ޤައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަން ޖެހިފައިވާ ކަންކަމެވެ. ދަރިންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަޤީދާ އަށަގަންނުވައި، އިސްލާމީ ރިވެތި އަހުލާޤާއި، އިޖުތިމާއީ އަދަބު އިހްތިރާމުގެ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށް އިތުރު ސަމާލުކަމެއް ދީގެން، މުޖުތަމައުގައި ހުރި މިފަދަ ކަންކަމަށް އެކަށޭނަ ހައްލެއް ހޯދިދާނެ ކަމަށް ދެކެމެވެ." ރައީސް ސޯލިހްގެ ހިތާބުގައި ވިދާޅުވިއެވެ.
މުދައްރިސުން އެ އަދާކުރައްވާ މަސްއޫލިއްޔަތަކީ، ހަމައެކަނި ދަރިވަރުންނަށް ކިޔަވައިދިނުން ނޫންކަމަށާއި، މުޖުތަމައަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ޤައުމީ ހިދުމަތުގެ ވަރަށް މުހިންމު ވާޖިބެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މުޖުތަމައުގެ އެންމެހައި ނުކިއްސަރު ކަންތަކުން، ޤައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ވަރަށް މުހިންމު ޒިންމާއެއްކަމަށް ވެސް ވިދާޅުވިއެވެ.