Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

ސެކިއުރިޓީ ބްރީޗްވެގެން ހިނގާ ކަންކަމުގެ ޒިންމާ މަޖިލީހުން ނަގާކަށް ނުޖެހޭ: އާދަމް ޝަރީފް

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސެކިއުރިޓީ ބްރީޗްވެގެން ހިނގާ ކަންކަމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހަށް ނަގަން ނުޖެހޭނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ އުއްތަމަފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެކަމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެހިނގާފައިވާ ކަމަކީ ސެކިއުރިޓީ ބްރީޗެއްކަމަށާއި، އެއީ ކޮންކަހަލަ ހާލަތެއްގައި ހުރި ކާކުކަން އެއީ ވިސްނާ ބަހުސްކުރުމަށް މުހިިންމު ކަމެއް ނޫންކަމަށެވެ.

ސެކިއުރިޓީ ދޭންޖެހޭ ފަރާތްތަކާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކޮށްފައިވާކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއަދު ރާއްޖޭގައި ސެކިއުރިޓީ ބްރީޗްވެގެން ހިނގާ އެއްވެސް ކަމެއްގެ ޒިންމާއެއް މި މަޖިލީހުން އުފުލަންޖެހޭނެ ކަމަކަށް." އާދަމް ޝަރީފް ވިދާޅުވިއެވެ.

ސިފައިންނަކީ އެބޭފުޅުންނަށް ޖެހޭ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރައްވާ ބޭފުޅުންކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ސިފައިންނަށް ޤާނޫނާ އެއްގޮތްވާގޮތަށް އަމުރުތައް ކުރާނަމަ އެފަރާތްތަކުން އެކަންކަމަށް އަމަލުކުރާނެކަމަށެވެ.

އުއްތަމަފަނޑިޔާރަށް ދިމާވީ ސީރިއަސް މައްސަލައެއްކަން ފާހަގަކޮށް އާދަމް ޝަރީފް ވަނީ އެކަމަށް ހައްލު ހޯދުމަށް ޑިފެންސް މިނިސްޓަރު އަދި ހޯމް މިނިސްޓަރަށް މަސައްކަތް ނުކުރެވެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.