ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފިއެވެ.
މި މައްސަލައިގައި މިއަދު ބޭއްވި ފަހު އަޑުއެހުމުގައި ރައީސް ޔާމިންގެ ފަރާތުންވެސް އަދި ޕީޖީގެ ފަރާތުންވެސް ވަނީ ހުލާސާ ބަޔާންތައް އިއްވާފައެވެ. މިމައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން 22 އިސްތިއުނާފު ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ސުޕްރީމް ކޯޓު ރަސްމީކޮށް ރިސެސްއަށް ދިއުމާމެދު ބާކީ އޮތީ 56 ދުވަސްކަމަށެވެ.
މި މައްސަލައިގައި ހުށަހެޅިފައި ހުރި ލިޔެކިޔުންތަކާއި ހުރިހާ ކަމަކަށް ބަލާއިރު ރައުޔުތައް ބިނާކޮށް ލިޔުމަށް ތިރިކޮށް ހުކުމަކާ ހަމައަށް ވާސިލުވުމަށް ފުދޭވަރަކަށް މަސައްކަތް ހުރިކަން ފަނޑިޔާރު މަހާޒް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރިސެސްއަށް ދިއުމުގެ ކުރިން މައްސަލައިގައި ގޮތެއް ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
"ދެފަރާތަށް އިހްތިރާމް ކުރުމާއެކު ދަންނަވާލަން، ރައުޔެއް ބިނާކުރުމުގައި ހުރަސް އެޅިދާނެ އެއްވެސް ކަމެއް މި މައްސަލައިގެ އެއްވެސް ފަރާތަކުން ނުކުރެއްވުން އެދެން." ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.