އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފިއެވެ.
ރައީސް ސޯލިހްގެ ދައުވަތަކަށް އ.ދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައިވަނީ މި މަހުގެ 6 އިން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި ރައީސް ސޯލިހްއާ ބައްދަލުކުރައްވާ ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.
އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު އިންތިހާބުވެވަޑައިިގެންނެވީ މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ.
އެ އިންތިހާބު ޝާހިދު ކާމިޔާބު ކުރެއްވިއިރު، އިންތިހާބުގެ ކެމްޕެއިނަށް މި އަހަރު ބަޖެޓުން 4.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެ އިންތިހާބުގައި ރާއްޖެ އާއި ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ބޮޑެތި ގައުމުތައް ކަމަށްވާ އިންޑިއާ އާއި ސައުދީ އަރަބިއްޔާ އިން ވަނީ ޝާހިދަށް ތާއީދުކުރައްވާފައެވެ.