ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ 27 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ އެތީނާ ގޭގެ ތެރޭ ހިނގި ހަމަނުޖެހުމެއްގައި ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އެގޭ އިބްރާހިމް ޝާންގެ ކަރަށެވެ.
ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރު ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ގޭތެރޭ ހިނގި ދެބަސް ވުމެއްގެ ތެރެއިން މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ.
"އެެއީ ޑޮމެސްޓިކް ވައިލެންސް ކޭސްއެއް، ޕޮލިހުން އެމައްސަލަ ބަލަމުން ދަނީ" ޝިފާން ވިދާޅުވިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލް ވިދާޅުވީ ޝާންގެ ކަރުގެ 2.5 އިންޗިއަށް ތޫނުއެއްޗެއް ހަރާލާފައިވާކަމަށެވެ. އަދި އޭނާގެ ވާއަތަށްވެސް ހަމަލާ ދީފައިވާކަމަށެވެ. ނަމަވެސް ޝާން އަށް ލިބިފައިވާ ގެއްލުން އެހާ ސީރިއަސް ނޫންކަމަށް އޮފިޝަލް ވިދާޅުވިއެވެ.