Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

މިނިވަންކަން ގެއްލެނީ ވެރިން ގައުމަށް ގައްދާރުވުމުން، މިއީ އެފަދަ ވެރިކަމެއް: ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު-- ފޮޓޯ: އަވަސް

ގައުމުގެ މިނިވަންކަން ގިނަ ފަހަރު ގެއްލެނީ ވެރިން ގައުމަށް ގައްދާރުވުމުން ކަމަށާއި މިހާރު އޮތީ އެފަދަ ވެރިކަމެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތާ ގުޅުވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ ނޭވާއެއް މިފަސްގަނޑު މިލަނީ ހާސްކަމާއި ބިރުވެރިކަމުގައި ކަމަށެވެ.

"ޤައުމީ ދުވަހުގެ ބަޠަލްގެ ޒިިކްރާ އާކޮށް ޤައުމްގެ ދިފާޢުގައި ތެދުވަން އެދި ގޮވަނީ." ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.

މި ވެރިކަން ގެނައުމަށް މަސައްކަތްކުރި ޑރ. ޖަމީލް މިސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަން ފަށާފައިވަނީ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބުވި ހިސާބުންނެވެ. އޭގެފަހުްނ ޖަމީލް ސަރުކާރަށާއި ރައީސް ސޯލިހަށް ނުހަނު ބޮޑަށް އަންނަނީ ފާޑުކިޔަމުންނެވެ. އަދި މީގެކުރިން ސިޔާސީ ގޮތުން އެންމެބޮޑަށް ފާޑުކި ރައީސް ޔާމީނާއެކު މިހާރު އަންނަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މިސަރުކާރަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ފާޑުކިޔުމަކީ އިންޑިއާ އާއެކު މާބޮޑަށް ގާތް ގުޅުމެއް ބޭއްވުމެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އިންޑިއާއާއެކު ހަދާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ޤާއިމުވެ ތިބެވޭނެއެވެ. އަދި އިދިކޮޅުން އެންމެ ބޮޑަށް ގޮވަމުން އަންނަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށެވެ.