Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ކޮވިޑުން ރައްކާތެރިވާން ދިވެހިން ދެއްކީ ގައުމީ އެއްބައިވަންތަކަން: އެެމްއާރްއެމް

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދިވެހިން ދައްކާފައިވަނީ ޤައުމީ އެއްބައިވަންތަކަންކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމްއިން) ބުނެފިއެވެ.

ޤައުމީ ދުވަހާ ގުޅިގެން އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ވަނީ، ޤައުމީ ދުވަހުގެ މުނާސަބާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށާއި، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ކިޔާފައިވެއެވެ.

އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނި ޤައުމީ ދުވަހާ މިފަހަރު ބައްދަލު ކުރާއިރު، ނުރައްކާތެރި ކޯވިޑް-19 ގެވަބާ އިން ރައްކާތެރިވުމަށްޓަކައި ދިވެހިން ދައްކަވައި ދެއްވާފައިވަނީ ޤައުމީ އެއްބައިވަންތަކަމުގައެވެ.

"އަދި ކުރީސަފުގައި މަސައްކަތް ކުރައްވާ ހުރިހާބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ." އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އާންމު ހާލަތަށް ދިވެހިރާއްޖެ ބަދަލުކުރުމުގައި އަދިވެސް އެންމެން ޤައުމީކަމެއްގެ ގޮތުގައި މިކަން ދެކިގެން މަސައްކަތް ކުރަން ޖެހޭކަމަށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.