Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ ހުރިހާކަމަކަށް ލިބުނު އުންމީދެއް: ރައީސް ސޯލިހް

އދގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ ހުރިހާ ކަމަކަށް ލިބުނު އުންމީދެއްކަމަށް ރައީސް އިބްރާހިމް މުހައްދަމު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުالله ޝާހިދުގެ ޝަރަފުގައި ރައީސްގެ ދެކަނބަލުން ދެއްވި ރަސްމީޖާފަތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ހައިސިއްޔަތުން، އަބްދުﷲ ޝާހިދު ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މަޤާމު ދިވެއްސަކު ފުރުއްވަމުންގެންދަވާ ކަމީ، ކޮންމެ ދިވެއްސަކަށް ވެސް ލިބޭ ފަހުރަކާއި ޝަރަފެއްކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑުން މިންޖުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤުވާމީ މުޖްތަމައުގެ އެހީތެރިކަމާ އެހެން ޤައުމުތަކުގެ ތަޖުރިބާ ރާއްޖެއަށް މުހިންމުކަމަށެވެ. އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި، ކުރިއަރާފައިވާ ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށާ އަދި އ.ދ. މަޖިލީހަކީ އެންމެންގެ ހައްޤުތަކަށް އިހްތިރާމްކުރާ، އަދި މިހާރަށް ވުރެ އިންސާފުވެރި ހަމަހަމަ އުސޫލަކުން، ހުރިހާ ޤައުމުތަކާ މެދު މުއާމަލާތުކުރެވޭ މުއައްސަސާއަކަށް، ވުމަކީވެސް ރާއްޖެއިން އެދޭކަމެއްކަމެއްކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ސޯލިހްވަނީ ވަނީ އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ މި ހުރިހާކަމަކަށް ލިބުނު އުންމީދެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެއިތުރުން އދގެ އާންމު މަޖިލީހުގެ ރިޔާސަތަށް ޝާހިދު އިންތިހާބުވެވަޑައިގަތުމަކީ، ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގަނެފައިވާ ކަމުގެ ހެއްކެއްކަމުގައި ވިދާޅުވިއެވެ. އަދި މިއީ ރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު ހަރުދަނާ ގުޅުމަކުން ގުޅިފައިވާކަމުގެ ނިޝާނެއްކަން ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.