Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

މިނިމަމް ވޭޖް ބޮޑުވެގެން ގާސިމް ޝަކުވާއެއް ނުކުރައްވާ: ޖޭޕީ

ގާސިމް އިބްރާހީމް -- ފޮޓޯ / ވީނިއުސް

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖަށް ކަނޑައެޅި މިންވަރު ބޮޑުވެގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ޝަކުވާ ދެންނެވި ވާހަކަތައް ޖޭޕީން ދޮގުކޮށްފިއެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކާ ބުހުތާނު ދޮގު ހަބަރު ފެތުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ގާސިމަށް ރައްޔިތުންގެ ލޯބި އިތުރުވަމުންދާ ދިޔުން ހަޖަމު ނުވެ ދޮގު ހަބަރު ފެތުރިޔަސް، ގާސިމް ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތް ފަހަތަށް ޖައްސާނުލެވޭނެ ކަމަށްވެސް އަލީ ވިދާޅުވި އެވެ.

މިނިމަމް ވޭޖް ބޯޑުން މިހާރު އިކޮނޮމިކް މިނިސްޓަރަށް ލަފާ ދީފައިވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 7،000ރ. ދިނުމަށެވެ. އަދި ކުދި ވިޔަފާރިތަކަށް 5،700ރ. ދޭން ބޯޑުން ލަފާދީފައިވާއިރު މެދުފަންތީގެ ވިޔަފާރިތަކަށް 8،000ރ. ދޭން ވަނީ ލަފާދީފައެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި ދޭން ލަފާދީފައިވަނީ 10،200ރ. އެވެ.

މިނިމަމް ވޭޖު ފުރިހަމަ ވާނީ އަށް ގަޑިއިރު މަސައްކަތް ކުރުމުންނެވެ. މިނިމަމް ވޭޖް ދޭން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.

މިނިމަމް ވޭޖް ކަނޑައަޅަން އަމުރު ނެރެން ޖެހެނީ ވޭޖް ބޯޑުގެ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެ ބޯޑު އެކުލެވިގެން ވަނީ 11 މެމްބަރުންގެ މައްޗަށް ކަމަށްވާއިރު، މިނިމަމް ވޭޖް ކަނޑައަޅަން ލަފާދޭނީ އެ ބޯޑުންނެވެ. އަދި އެ ލަފާދޭތާ 30 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައަޅާ މިނިސްޓަރު އަމުރެއް ނެރެން ވާނެ އެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.