ސްރީލަންކާގެ ރެފިއުޖީންތަކެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެ ރާއްޖެއާ ހަވާލުކޮށްފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަތުލައިގެންފައިވަނީ ލަންކާގެ ތަމަޅައިންގެ 85 މީހަކެވެ. އޭގެތެރޭގައި 59 ރެފިއުޖީއަކު ހިމެނެއެވެ. މި މީހުން އަތުލައިގެންފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން އެމެރިކާ ސިފައިން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މީހުންނަކީ މަދުރާއީ އާއި ޓްރިޗީގެ ރެފިއުޖީ ކޭމްޕްތަކަކުން ފިލާފައިވާބައެއްކަމަށް ބެލެވެއެވެ. ގަވައިދާ ހިލާފަށް ދަތުރުކުރާ ފެރީއަކުން ދަތުރުކުރި މިމީހުން މަސައްކަތްކޮށްފައިވަނީ އިންޑިއާގެ ކެރެލާ އިން ދެކުނު އެފްރިކާ އަށް ގޮސް ކެނެޑާ އަށް އެތެރެވެ ހިމާޔަތް ހޯދުމަށްކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
މީގެތެރެއިން އަތުލައިގަތް ބައެއް މީހުންގެ އަތުގައި ކާކުކަން އަންގައިދޭ ލިޔުންވެސް ނެތްކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.