Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

މީހަކަށް ޓިކެޓެއް ވިއްކާ އުސޫލުން އިތުރު 1000 ޓިކެޓް ވިއްކަނީ

ފޮޓޯ: މުހައްމަދު ޝާބިން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓުގެ މައްސަލަ ބޮޑުވެ އިތުރު 1000 ޓިކެޓް ވިއްކުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފިއވެެ.

ޓިކެޓް ވިއްކަން ފެށިތާ ދެގަޑިއިރެއްހާއިރުތެރޭ ޓިކެޓްތައް ހުސްވި މައްސަލައިގައި އާންމުން ހިތްހަމަނުޖެހި އިހުތިޖާޖް ކުރުމުން އަންނައިރު އެފްއޭއެމްއިން ވަނީ ނެރުނު ބަޔާނެއްގައި އިތުރު ޓިކެޓްތަކެއް ވިއްކުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެގޮތުން އެފްއޭއެމްއިން ބުނެފައިވަނީ ކުޅުންތެރިންގެ އާއިލާ އާއި އެފްއޭއެމްގެ ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2500 ޓިކެޓުގެ އިތުރުން ކުޅިބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ހުސްވެފައިވާކަމަށެވެ.

ނަމަވެސް ރާއްޖެކުޅޭ މެޗުގެ ކުޅިބަލަން ދަނޑަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާރީވެ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެފްއޭއެމުން ނިންމާފައިވާކަމަށާއި، އެގޮތުން ސްޕޮންސަރުންނާއި ކުލަބުތަކަށް އަދި ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް މިހާރު ނިންމާފައިވާކަމަށެވެ.

އެފްއޭއެމްއިން ބުނެފައިވަނީ އިތުރަށް 1000 ޓިކެޓް ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 20:00 ގައި ސޯޝަލް ސެންޓަރުގައިކަމަށެވެ.