Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ފަނޑިޔާރުންގެ މަސައްކަތާމެދު ސުވާލު އުފައްދާ ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފި

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއް--

ފަނޑިޔާރުންގެ މަސައްކަތާމެދު ސުވާލު އުފައްދާ ވާހަކަ ނުދެއްކުމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން އިލްތިމާސްކޮށްފިއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރަކު ނިންމާ މައްސަލައަކާ ގުޅިގެން އެފަނޑިޔާރާ ގުޅޭގޮތުން ހަގީގަތެއްނެތް ވާހަކަ ސޯޝަލްމީޑިއާ އާއި އެނޫންވެސް ތަންތަނުގައި ފާޅުކޮށް، ފަނޑިޔާރުގެ މަސައްކަތާމެދު ސުވާލު އުފައްދައި ފަނޑިޔާރުންނަށް ބިރުދެއްކުމަކީ އަދުލު އިންސާފުގެ ދާއިރާއާމެދު ނުރަނގަޅު ތަސައްވުރެއް އުފެދި، ޝަރުއީ ދާއިރާ ހަރުދަނާކޮށް އިތުބާރު ހޯދުމަށް ހުރަސްތަކެއް މެދުވެރިވެ، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ ތިބެ ނިޔާ ކަނޑައެޅުމަށް މަތިކޮށްފައިވާ މަސްއޫލިޔަތު އަދާކުރުމަށް ހުރަސް އެޅިގެންދާނެ ކަމެއްކަމަށް ޤަބޫލުކުރެވޭކަމަށެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަނޑިޔާރަކު ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެކަމުގެ މަސްލަހަތު އޮތް ފަރާތްތަކުން އެ ނިންމުމެއް އެއަށްވުރެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރެވޭނެކަމަށެވެ. އަދި އެ މަގު އިޚްތިޔާރު ކުރުމުގެ ބަދަލުގައި ފަނޑިޔާރުންގެ ނިންމުންތަކާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް ހަޤީޤަތާ ހިލާފު ވާހަކަ ދެއްކުމަކީ ފަނޑިޔާރުންގެ މަސައްކަތް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމުގައި ނޫނީ ނުބެލެވޭނެކަމަށެވެ. އަދި އެފަދަ ކަންކަމަކީ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އާއިލާގެ މެމްބަރުން ސަލާމަތާއި ރައްކާތެރިކަން ގެއްލުވައިލުމަށް ހުޅުވަދެވޭ ފުރުސަތެއްކަމަށް ދެކޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު މިފަހުން އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި މައްސަލައެއް ފެންމަތިވެ، އެކަމުގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.