Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ދަގަނޑޭގެ ގޯލުން ރާއްޖެ އިން ލަންކާ ބަލިކޮށްފި

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީލަންކާގެ މައްޗަށް 1-0 އިން ކުރި ހޯދާ މުބާރާތުގެ ފައިނަލާ ގާތަށް ރާއްޖެ އިން ޖެހިލައިފިއެވެ.

ފަސް ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. މި މޮޅާއެކު ރާއްޖެ މިހާރު ވަނީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓު ހޯދާފައެވެ. ހަމަ އެ އަދަދަށް ނޭޕާލުން ވެސް ޕޮއިންޓު ހޯދާފައިވާއިރު އެޓީމުން މިރޭ އިންޑިޔާއާ ދެކޮޅަށް ނިކުންނާނެއެވެ. އެ މެޗުން ނޭޕާލް މޮޅުވެއްޖެނަމަ އެޓީމަށް ފައިނަލުގެ ޖާގައެއް ޔަގީންވާނެއެވެ.

ލަންކާ އަށް މި މުބާރާތް މިހާރު ނިމިފައިވާއިރު، ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ރާއްޖެ އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ހައިޝަމް ހަސަން ލަންކާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ކުރިއަށް ފޮނުވާލައިގެން މި ގޯލު ރާއްޖެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ރާއްޖެ އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ދެ ހަމަލާއެއް ލަންކާގެ ކީޕަރު ސުޖަން ދިފާއުކުރިއިރު ސެންޓޭ ފޮނުވާލި އިތުރު ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް ވަނީ އަމާޒުވެފައެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ރާއްޖެ އަށް ކައިރިކައިރީގައި ވަނީ ގޯލު ކާމިޔާބު ކުރާނެ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ދަގަނޑޭ ފޮނުވާލި ހަމަލާއެއް ލަންކާގެ ކީޕަރު ދިފާއުކުރިއިރު ހަމްޒާ މުހައްމަދު (ހަމްޕު) އާއި ސެންޓޭ ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑި އަށެވެ.

މުޅި މެޗުގައި ވެސް ލަންކާ އަށް ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ އެޓީމުގެ ކަވިންދޫ އިޝާން އަށެވެ. ނަމަވެސް ރާއްޖޭގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.