Last Updated: October 21, 22:25
Thursday, October 21, 2021
ކުޅިވަރު

ޔުއެފާ ނޭޝަންސް ލީގު ފްރާންސް އިން ކާމިޔާބުކޮށްފި

2-1 އިން ސްޕެއިން ބަލިކުރުމަށްފަހު ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސް އިން ހޯދައިފިއެވެ.

މިއީ 2018 ވަނަ އަހަރު ބާއްވަން ފެށި ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސް އިން ހޯދި ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އެންމެފަހުން ހޯދާފައިވަނީ ޕޯޗުގަލް އިންނެވެ.

އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 64 ވަނަ މިނެޓްގައި ސްޕެއިންގެ އޮޔަޒަބާލް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ފްރާންސްގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ގޯލުގެ ކަނަށް ބޯޅަށް ފޮނުވާލައިގެންނެވެ.

ސްޕެއިނުން ލީޑު ނެގިތާ ދެ މިނެޓްފަހުން ފްރާންސްގެ ކަރީމް ބެންޒެމާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ބެންޒެމާ މި ގޯލު ކާމިޔާބުކުރީ ސްޕެއިންގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ސްޕެއިނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި ފްރާންސަށް ލީޑު ނަގައިދިން ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މެޗުގެ ފަހު 10 މިނެޓްތެރޭ ނަތީޖާ އެއްވަރުކުރަން ސްޕެއިނުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އެޓީމުގެ ފޮނުވާލި ނުރައްކާތެރި ތިން ހަމަލާއެއް ފްރާންސްގެ ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ފްރާންސް އިން ހޯދިއިރު ތިންވަނަ މަގާމު ހޯދީ އިޓަލީ އެވެ. އިޓަލީން ތިންވަނަ ހޯދީ ބެލްޖިއަމްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

ޔުއެފާ ނޭޝަންސް ލީގަކީ ބައިނަލްއަގްވާމީ ވާދަވެރި މެޗުތަކެއް ގިނަ ގައުމުތަކަށް ހޯދައިދިނުމުގެ ބޭނުމުގައި ޔޫއެފާ އިން ތައާރަފްކޮށްފައިވާ މުބާރާތެކެވެ.