Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ގައިދީއަކަށް އަނިޔާކޮށްފިނަމަ ފިޔަވަޅުއަޅާނެކަން ހުރިހާ އޮފިސަރުންނަށް މިހާރު އެނގޭނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--

ގައިދީއަކަށް އަނިޔާކޮށްފިނަމަ ފިޔަވަޅު އަޅާނެކަން ހުރިހާ އޮފިސަރުންނަށް މިހާރު އެނގޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމް ވަނީ ޖަލުގައި ގައިދީންނަށް އަނިޔާވެރި އަމަލުތައް ނުހިނގާނެކަމުގެ ޔަގީންކަށް އޮތްތޯ ސުވާލު ކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ޖަލުގައި ގައިދީންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ މިސަރުކާރުގެ ވައުދެއް ކަމަށާއި، އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ވެސް ކުރެވުނު ކަމަށެވެ. އެގޮތުން ޖަލުގެ އޮޑިޓެއްހެދި ފާހަގަކުރެވުނު ކަންކަން މުރާޖާ ކޮށް ބަލަމުން އަންނަކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޔަގީންކުރާ އެއްކަމަކީ ޖަލުގެ ތެރޭގައި ގައިދީއަކަށް އަނިޔާއެއް ކޮށްފިނަމަ އެކަމުގައި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ކަމަށެވެ. އެގޮތުން އަނިޔާއެއް ކޮށްފިނަމަ އެ އޮފިސަރަކު މަގާމުން ދުރުކޮށް ނުވަތަ ކުރި ކަމެއްގެ ޒާތަށްބަލާ ރޭންކް ދައްކުރުންފަދަ ކަންކަން ކޮށްފައިވާނެކަމަށެވެ.