Last Updated: October 21, 22:25
Thursday, October 21, 2021
ކުޅިވަރު

ޓިކެޓު ވިއްކުމުގައި ކޮރަޕްޝަން ހިންގާނެ ޖާގައެއް ނެތް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް - އެފްއޭއެމް

މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ވިއްކުމުގައި ކޮރަޕްޝަން ހިންގާނެ ޖާގައެއް ނެތް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ސްރީލަންކާ އިއްޔެ ބައްދަލުކުރި މެޗުގެ ޓިކެޓް ވިއްކަން ފެށިތާ ދެގަޑިއިރެއްހާއިރުތެރޭ ޓިކެޓްތައް ހުސްވި މައްސަލައިގައި އާންމުން ހިތްހަމަނުޖެހި އިހުތިޖާޖު ވެސް ކޮށްފައިވެއެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ބައްސާމް އާއި އެފްއޭއެމް އަށް ތަފާތު އެކި ތުހުމަތުތައް ވެސް ކޮށްފައެވެ.

މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ މި ވަގުތު ގަލޮޅު ދަނޑަށް ވަދެވެނީ 5000 މީހުންނަށް ކަމަށާއި ޓިކެޓު ބައެއް މި ހާއްސަކުރެވެނީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކަށް ކަމަށެވެ.

"މި އަދަދުތަކަށް ބަލާއިރު ކޮރަޕްޝަނެއް ހިންގޭނެ ޖާގައެއް ނެތް. އެފަދަ ކަމެއް ހިނގާފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" ބައްސާމް ވިދާޅުވި އެވެ.

މީގެއިތުރުން ސަޕޯޓަރުންނަށް ގިނަ އަދަދެއްގެ ޓިކެޓުތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ސްޕޮންސަރުންނާއި ފަދަ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ޓިކެޓުތަކުގެ އަދަދު މަދުކުރުމަށް ނިންމާފައިވާ ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.

އަންނަ ބުދަ ދުވަހު ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު މާދަމާ ހެނދުނު 10 ޖަހާއިރު ވިއްކަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހޯމް ޓީމަށް 3،000 ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާއިރު އަވޭ ޓީމަށް ވިއްކުމަށް ހަމަޖެހިފައިވަނީ 200 ޓިކެޓެވެ. ކޮންމެ މީހަކަށްވެސް ދޫކުރަން ހަމަޖެހިފައި ވަނީ ދެ ޓިކެޓެވެ.