Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އުތުރުތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް މަޖިލީހުން މިއަދު އެދެނީ

ރައިސް މުހައްމަދު ނަޝީދު--

އުތުރުތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ޑިފެންސް މިނިސްޓްރީގައި އެދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ވާހަކަ ދައްކަވަމުންނެވެ.

އެ އެއްބަސްވުމުގެ ކޮޕީއެއް މަޖިލީހުގެ 241 ކޮމިޓީއަށް ހޯދުމަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އެ އެއްބަސްވުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވި އެ އެއްބަސްވުމަކީ އެއްވެސް ހާލެއްގައި ފޮރުވިފައި އޮތް އެއްޗެއް ނޫންކަމަށާއި، ދޭދޭގައުމުތަކުގެ މެދުގައިވާ އެއްބަސްވުންތައް މަޖިލީހަށް ހާމަވާނެކަމަށެވެ.

"އެއީ އެއްވެސް ހާލެއްގައި ފޮރުވިފައި އޮތް ސިއްރެއް ނޫން. އެއީ ދިވެހި ދައުލަތުގެ އެގްރިމެންޓެއް، ދޭދޭ ގައުމަކާ އެކީގައި ކުރެވިފައިވާ. ދެން އެއީ ސިއްރެއްގެ ގޮތުގައެއް ނޫން ދައުލަތުން އެކަން ކުރަމުން ގެންދިޔައީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގެ އިތުރުން އިންޑިއާއާ އެކު ހަދާފައިވާ އިތުރު ދެ އެއްބަސްވުމެއް ހޯދުމަށްވެސް އާދަމް ޝަރީފް މަޖިލީހަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެގޮތުން ދެން ހޯދުމަށް އާދަމް ޝަރީފް އެދިފައިވާ އެގްރިމެންޓް ތަކަކީ ހައިޑްރޮގްރަފީއާބެހޭ އެއްބަސްވުމާއި ޑޯނިއަރ މަތިންދާ ބޯޓާބެހޭ އެއްބަސްވުމެވެ.