Last Updated: June 24, 22:51
Wednesday, June 24, 2026
ޚަބަރު

ވާނުވާ ބަންދުގެ މީހުންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭތީ މަޖިލީހަށް

ވާނުވާގެ މައްސަލައަށް ހައްލެއް ނުލިބޭތީ އަދި ވާނުވާގައި ތިބޭ މީހުންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭތީ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

މޫސާ ސިރާޖު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ޖަލުތަކުގައި ޝަރީއަތް ނިމެންދެން ވާނުވާގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ މައްސަލައަށް މިއަދާހަމައަށް ހައްލެއް ހޯދިފައިނުވާތީއާއި، ބަންދު ކުރެވިފައިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާގެ ހިދުމަތް މިއަދާހަމައަށްވެސް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވެމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށެވެ.

ވާނުވާ ބަންދުގައި ހުއްޓާ މިފަހުން މަރުވި ޝަބީންގެ މައްސަލައަށް އަލި އަޅުވާލާ ސިރާޖުގެ މައްސަލައިގައި ބުނެފައިވަނީ ނިޔާވިއިރު ޝަބީންގެ ބޭސްފަރުވާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި "ސަލާންޖަހާފައިވާކަން ފެންނަންހުރި ލިޔެކިޔުންތަކުން" އެނގެން އޮތް ކަމަށެވެ.

"މިކަމުން ދަލާލާތު ކޮށްދެނީ އަދިވެސް ޖަލުތަކުގައި ބޭސްފަރުވާގެ އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަޖެހިފައިނުވާކަމެވެ." މޫސާ ސިރާޖުގެ މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން ވާނުވާ މައްސަލައާއި ޖަލުތަކުގައި ބޭސްފަރުވާގެ ހިދުމަތް ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ މައްސަލަ ހުށަހަޅާކަމަށެވެ.