Last Updated: April 20, 09:23
Saturday, April 20, 2024
ޚަބަރު

އަހުސަންގެ މަރު: ޝަހުމްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރު މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ޝަހުމް އާދަމް މެރުމަށާއި، އެކަމުގައި އެހީތެރިވި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުން އިއްވައިފިއެވެ.

2011ވަނަ އަހަރުގެ މާޗް މަހުގެ 17ވަނަ ދުވަހުގެ މެންދަމު 3:20ގައި ތޫނު އެއްޗަކުން ހަމަލާދީ އަހުސަން މަރާލި މައްސަލައިގައި ޝަހްމް އާއި ޝމާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި މިދިޔަ ހަފްތާގައި ހައިކޯޓުންވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދީފައެވެ.

މިހާރުވެސް މަރުގެ އެހެން މައްސަލައެއްގައި އުމުރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަަ ޝަހުމްގެ މައްޗަށް މިމައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވިއިރު، ޝިމާޒްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިިވުމުގެ ދައުވާ އެވެ.

މައްސަލަ ސާބިތުވާ ކަމަށްނިންމާ އަދަދު ކަނޑައެޅުމަށް ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އަހުސަން މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަހުމްގެ މައްޗަށް ސާބިތުވާ ކަމަށާއި، އަދި ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ އިސްލާމީ ޝަރީއަތުގެ ދަށުން ޝަހުމަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށްވާތީ އޭނާ މެރުމަށް ހުކުމްކުރާ ކަމަށެވެ.

މީގެއިތުރުން މި މައްސަލައިގައި ހިމެނޭ ޝިމާޒްގެ މައްޗަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްވާފައިވަޏީ 15 އަހަރުގެ ޖަލު ހުކުމެެކެވެ.