1-0 އިން އޮސްޓްރިއާގެ މައްޗަށް ކުރި ހޯދައި އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ޑެންމާކް ކޮލިފައިވެއްޖެ އެވެ.
ކޮލިފައިންގައި ޑެންމާކަށް ބާކީ ދެ މެޗު ކުރިއަށް އޮއްވައި އެޓީމު މުބާރާތަށް ކޮލިފައިވިއިރު އެ ޓީމު އޮތީ ގްރޫޕް އެފްގެ އެއްވަނައިގައި 24 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 17 ޕޮއިންޓާ އެކު އޮތީ ސްކޮޓްލޭންޑެވެ.
ޑެންމާކުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޔޯކިމް މައިލާ އެވެ. މިއީ ގްރޫޕް ސްޓޭޖުގައި ޑެންމާކުން ޖެހިޖެހިގެން ހޯދި 8 ވަނަ މޮޅެވެ.
މިއީ ވޯލްޑް ކަޕަށް ޑެންމާކު ކޮލިފައިވި ހަވަނަ ފަހަރެވެ. ޑެންމާކު ވަނީ އެންމެފަހުން ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ވެސް ކުޅެފައެވެ.
މީގެއިތުރުން ޑެންމާކު ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕަށް ކޮލިފައިވި ތިންވަނަ ޓީމަށެވެ. ވޯލްޑް ކަޕަށް ދެން ކޮލިފައިވަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރުގެ އިތުރުން ޖަރުމަނެވެ.