Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު ބަރުލަމާނީ

ނިޒާމުގެ ވާހަކަ އިތުރަށް ދައްކާނީ ރައީސް އާ މަޝްވަރާ ކުރުމަށްފަހު: ނަޝީދު

ރައީސް ސޯލިހް އަދި ރައީސް ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެރިކަމުގެ ނިޒާމުގެ ވާހަކަ އިތުރަށް ދައްކަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައިސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ދެކޭގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅީ މަޖިލީހުގެ ދައުރުބޮޑުކޮށް އޮންނަ ވެރިކަމުގެ ނިޒާމެއް ކަމަށެވެ.

"ދެން މި މަސައްކަތަކީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް. އެހެންމަ މި މައުޟޫގައި އަޅުގަނޑު އެއްޗެއް އިތުރަށް ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާއާ އެކަމާ ގުޅޭގޮތުން ފުރިހަމައަށް މަޝްވަރާ ކުރެވުނީމާ." ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ސޯލިހާއެކު ސިޔާސީ މަސައްކަތްކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާއާ ވާހަކަ ނުދައްކާ ހުރުމަށް ހިތުނުލާ ކަމަށާއި، ރައީސް ސޯލިހާ ވާހަކަ ނުދައްކާ ނުވެސް ހުރެވޭނެކަމަށެވެ. ސަރުކާރާދެމެދު އޭރު އޮތް އެންމެބޮޑު ހިތްހަމަ ނުތަނަވަސްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ބިލުތައް ޑްރާފްޓް ކުރެވިގެން އަންނަގޮތާމެދު އޮތް ކަމެކެވެ. އެގޮތުން ބިލުތައް ޑްރާފްޓްކުރާއިރު އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް ޑްރާފްޓް ކުރެވޭ ބިލުތަކަކަށް އެތަކެތި ވުން މުހިންމުކަމަށާއި ފުންކޮށް ދައްކަން އޮތް ވާހަކައަކި އެއީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން– ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މީގެއިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ދައުރުގައި މެމްބަރުން ދެން އެންމެ މުހިންމުކޮށް ކުރާނީ ބަޖެޓްގެ މަސައްކަތް ކަމަށާއި، އޭގެތެރެއިން މެމްބަރެއްގެ ދާއިރާގައި ހިންގުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މެމްބަރުން ވާހަކަ ދައްކާނެ ކަމަށެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މަޖިލީހުން ވަރަށް ގިނަ މަސައްކަތް ކުރެވުނު ކަން ފާހަގަކޮށް ރައީސް ނަޝީދު ވަނީ އިންކަމް ޓެކްސް ތައާރަފްކުރުމާއި، ޓުއަރިޒަމް ޤާނޫނަށް ގެނެވުނު އިސްލާހާ އެކު އިތުރު އާމްދަނީ ލިބޭނެގޮތް ހަމަޖެއްސިފައިވާކަން ފާހަގަކުރައްވާފައެވެ.

އިތުރަށް ކުރާންހުރި މަސައްކަތް އެބަހުރިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓް ބެލެންސް ކޮށްފައި ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ކޮވިޑްއާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވިކަމަށާއި އެހެންނަމަވެސް ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށްކަން ފާހަގަކޮށް ރަައީސް ނަޝީދު އެކަމަށް ތައުރީފް ކުރެއްވިއެވެ.

ސަރުކާރުން ދަނީ ބޮޑެތި ލޯން ފައިސާ ދައްކަމުންކަން ފާހަގަކޮށް ރައިސް ނަޝީދު ވިދާޅުވީ، އެ ފައިސާގެ ބޮޑުބައެއް ދައްކަންޖެހެނީ ޗައިނާއަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ޗައިނާއަށް ދައްކަންޖެހޭ ލޯނު ފައިސާގައި ޖުމުލަ ގޮތެއްގައި ރީސްޓްރަކްޗަރިންއެއް ނުލިބޭ ކަމަށާއި، ލޯންތައް ރީސްޓްރަކްޗާ ކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.