Last Updated: April 19, 22:14
Friday, April 19, 2024
ކުޅިވަރު

ނާކާމިޔާބުގެ ޒިންމާ ފުރިހަމަ އަށް ނަގަން: ސުޒޭން

އަލީ ސުޒޭން - ފޮޓޯ: ރައީސް އޮފީސް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމަށް ލިބުނު ނާކާމިޔާބުގެ ޒިންމާ ފުރިހަމަ އަށް ނަގާ ކަމަށް ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން މިރޭ 3-1 އިން ބަލިވުމުން ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރިއިރު، ފައިނަލްގައި އެޓީމު ބައްދަލުކުރާނީ ނޭޕާލް އާއެވެ.

މިފަހަރުގެ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދު ދީފައިވަނީ މުޅިން ވެސް ދިވެހި ކޯޗިން ޓީމަކުންނެވެ.

މިރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސުޒޭން ބުނީ ގައުމީ ޓީމަށް ކުރިމަތިވި ނާކާމިޔާބުގެ ޒިންމާ ނަގާ ކަމަށާއި އެންމެން ވެސް ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. ނަމަވެސް މުބާރާތުގެ ތެރެއިން ޕޮޒިޓިވް ކަންތައްތަކެއް ފެނިގެން ގޮސްފައިވާ ކަމަށާއި ދިވެހި ކޯޗުންނަށް މިކަން ވާނެކަން ގަބޫލުކުރާ ކަމަށްވެސް ސުޒޭން ބުންޏެވެ.

"ދިވެހިން މިކަން ވާނެ. ވާނެ ކަމުގެ ވަރަށް ރަނގަޅު ޕޮޒިޓިވް ކަންތައްތަކެއް ވެސް މި މުބާރާތުގެ ތެރެއިން ފެނިގެން ހިނގައްޖެ" ސުޒޭން ބުންޏެވެ.

މީގެއިތުރުން ސުޒޭން ވަނީ ބަދަލުކޮށްލަން ބޭނުންވި ފުޓްބޯޅައިގެ ކޮންމެވެސް ވަރެއްގެ ކުލައެއް ޖެހުނު ކަމަށްވެސް ބުނެފައެވެ.

މިރޭގެ މެޗުގައި އިންޑިއާ އިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ސުނިލް ޗެތްރީ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ މަންވީރު ސިންހެވެ. ރާއްޖޭގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ފަސް ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ފައިނަލަށް ހޮވިފައިވަނީ އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ. އެގޮތުން ލީގު ބުރުގެ ހުރިހާ މެޗެއް މިހާރު ކުޅެ ނިމިފައިވާއިރު އިންޑިއާ އިން ވަނީ 8 ޕޮއިންޓު ހޯދާފައެވެ. ނޭޕާލް ހަތް ޕޮއިންޓު ހޯދިއިރު، ރާއްޖެ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ބަންގްލަދޭޝް އަށް ފަސް ޕޮއިންޓު ލިބުނުއިރު ސްރީލަންކާ މުބާރާތް ނިންމާލީ އެއް ޕޮއިންޓާ އެކުއެވެ.

އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.