Last Updated: April 25, 18:52
Thursday, April 25, 2024
ދުނިޔެ

އެމެރިކާގައި 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދެނީ

އެމެރިކާގައި 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ދިނުމަށް ވައިޓް ހައުސްއިން ވާހަކަތައް ފަށައިފިއެވެ.

ވައިޓް ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގައި މި އުމުރުފުރައިގެ 28 މިލިއަން ކުދިން އެބަތިއްބެވެ. އަދި މި ހުރިހާ ކުދިންނަށްވެސް ދެވޭވަރަށް ވެކްސިން މިހާރު އެ ގައުމަށް ވަނީ ލިބިފައެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ދޭނީ ފައިޒާ ވެކްސިން ކަމަށާއި، ވެކްސިންގެ ޑޯޒް ދަށް ވާނެކަމަށް ވައިޓްހައުސްއިން ވަނީ ހާމަކޮށްފައެވެ.

ވައިޓްހައުސްގެ ފަރާތުން ވާހަކަދައްކަމުން ޑރ.ފައުޗީ ވިދާޅުވީ، އަމާޒަކީ އެމެރިކާގައި ބަލީގެ އަސަރު ކުޑަކުރުން ކަމަށެވެ. އަދި 50 އިންސައްތަ ކުޑަކުދިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ބަލި ފަތުރާކަމަށްވެސް ޑރ.ފައުޗީ ވަނީ ވިދާޅުވެފައެވެ.

"5 އަހަރާއި 11 އަހަރާ ދެމެދުގެ 28 މިލިއަން ކުދިންގެ މެޖޯރިޓީއަށް ވެކްސިން ދެވިއްޖެނަމަ އެކަން ވެގެންދާނީ މި ބައްޔާ ދެކޮޅަށް އެޅޭ މުހިންމު ފިޔަވަޅަކަށް" ފައުޗީ ވިދާޅުވިއެވެ.

އެމެރިކާއަކީ ދުނިޔޭގައިވެސް އެންމެ ބޮޑަށް ކޮވިޑް-19 ފެތުރުނު އެއް ގައުމެވެ. އެ ގައުމުގައި ވެކްސިންގެ ތިންވަނަ ޑޯޒް ޖަހަން ފަށާފައިވާއިރު، އެގައުމުގެ ރައީސް ޖޯ ބައިޑަންގެ އަމާޒަކީ ވީހާވެސް ގިނަ އާންމުންނަށް ވެކްސިން ފޯރުކޮށްދިނުމެވެ.