Last Updated: May 8, 06:04
Wednesday, May 8, 2024
ކުޅިވަރު

ދީމާ، ޔޫތު ކޮންޓެންޑާ މުބާރާތުގެ ކުއާޓާ ފައިނަލަށް

ފާތިމަތު ދީމާ އަލީ - އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން

އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފިއެވެ.

ދީމާ ކުއާޓާ އިން ފުރުސަތު ހޯދީ އުޒްބެކިސްތާންގެ ދިޔޯރާ ޓޮޝްޕުލާޓޯ އާއި ޕާކިސްތާންގެ ހޫރު ފަވާދު ސީދާ ތިން ސެޓުން ބަލިކުރުމަށްފަހު އެވެ. އެގޮތުން ފުރަތަމަ މެޗުގައި ހޫރުގެ މައްޗަށް ދީމާ ކުރިހޯދީ 11-08، 11-04 އަދި 11-09 އިންނެވެ. އަދި ދެ ވަނަ މެޗުގައި ދިޔޯރާ އަތުން ދިމާ މޮޅުވީ 12-10، 11-08 އަދި 11-05 އިންނެވެ.

މުބާރާތުގެ ކުއާޓާ އަށް ދީމާ ދަތުރުކުރިއިރު، ދީމާ އަކީ އިންޓަނޭޝަނަލް ޓީޓީގެ ޔޫތު ރޭންކިންގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ.

އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑެރޭޝަނުން އާންމުކުރި ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ރޭންކިންގައި ދީމާ މިހާރު އޮތީ 20 ވަނައިގަ އެވެ.

ދީމާ ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީޣެ އަންހެނުންގެ ހުރިހާ އިވެންޓަކުން ރަން މެޑަލް ހޯދާފައެވެ.