ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތ. ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް ސޯލިހް ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ކަނޑޫދޫގައި ކުރިއަށްގެންދިޔަ ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ޙަރަކާތްތައް ފައްޓަވައިދެއްވާފައެވެ. އަދި ފަރޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވުމުގެ އިތުރުން، ކާބޯތަކެތީގެ މައުރަޒު ވެސް ހުޅުވައިދެއްވާފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވާއިރު، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި އަދި އޮކްޓޫބަރު 16 ވަނަ ދުވަސް ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ.
ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިންނަށް ފަސޭހައިން ބިން ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.