އދ. ދަނގެތީގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން އެރަށުގެ ގެއެއް ފުލުހުން ބަލާ ފާސްކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލާފާސްކުރަން ފަށާފައިވަނީ އުމުރުން ދުވަސްވީ މީހަކާއި އޭނާ ބަލަހައްޓަން އުޅޭ ބިދޭސީއަކު ދިރިއުޅޭ ގެއެކެވެ.
މިއީ މަހުމޫދުގެ މަރާ ގުޅިގެން ފުލުހުން ދަނގެތީގެ ގެއެއް ބަލާފާސްކުރާ ފުރަތަމަ ފަހަރެވެ.
މަހުމޫދުގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޯށް ފަޅުގެއެއްގެ ވަޅުތެރެއިން ގޯންޏަކަށްލާ އައްސާފައި އޮށްވައެވެ.
ދަނގެތިން "އައްޑޫލައިވް" އާއި ވާހަކަދެއްކި މީހަކު މީގެކުރިން ބުނީ، މަހުމޫދުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި އެގޮތުން ކަރަށާއި ބޮލަށް ވަޅީގެ އެތައް ހަމަލާއެއް އަމާޒުކޮށްފައިވާ ކަމަށެވެ. މަހުމޫދުގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔަ ހަވީރުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް ދަނގެތީގައި ހަރަކާތްތެރިވަމުން އަންނައިރު އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއްނުވެއެވެ. އެހެންނަމަވެސް މިމައްސަލައިގައި އެ ރަށުގެ ރައްޔިތުން ތުހުމަތުކުރާ ބަޔަކު ފުލުހުންނާ ހަވާލުކޮށްފައިވާއިރު އެހެން މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ވަނީ އެމީހުން ބަންދުކޮށްފައެވެ.