Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ދަނޑުވެރިކަމަށް އިތުރު 5 ރަށް ދޫކުރަން ނިންމައިފި

ރާއްޖޭގައި ދަނޑުވެރިކަމަށް އިތުރު ފަސް ރަށް ދޫކުރުމަށް ނިންމާފައިވާކަން ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހާމަކުރައްވައިފިއެވެ.

ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ ދަޑުވެރިކަމަށް އިތުރު ރަށްރަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ދޫކުރާ ފަސް ރަށެއް ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށްވެސް ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގައި ދަނޑުވެރިކަމަށް ހާއްސަކޮށް 50 އަށްވުރެއް ގިނަ ރަށް ދޫކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ރައީސް ސޯލިހްގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ފުޅާ ދާއިރާގައި ދަނޑުވެރިން މަސައްކަތް ކުރަން ބަލާއިރު ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބިން ފަސޭހައިން ލިބެން ނެތުން އަދި ދިގު މުއްދަތެއްގައި ބިން ނުލިބުމުން ކަމަށެވެ.

އެގޮތުން ދަނޑުވެރިކަން މިހާރު ބޮޑަށް ކުރަމުން އަންނަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ކަމަށާއި އެ ރަށްތަކުން ދަނޑުވެރިންނަށް ބިން ހޯދުމުގައި ދަތިތަކެއް ހުރިކަން އިއްޔެ ބޭއްވި ދަނޑުވެރިންގެ ފޯރަމުގައި ފާހަގަކުރެވިގެންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ކައުންސިލްތަކާއި ވާހަކަ ދައްކައިގެން ދަނޑުވެރިންނަށް މިއަށް ވުރެ ފަސޭހައިން މީހުން ދިރިއުޅޭ ރަށްރަށުން ބިން ލިބޭނެ ގޮތް ހަމަޖައްސާދޭން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.