Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތްކުރި އަންހެން ކުއްޖަކަަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް - ފޮޓޯ / މިފްކޯ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭ.އެފް.ސީ) ގައި މަސައްކަތްކުރި އަންހެނަކަށް ތިން ފަހަރެއްގެ މަތިން ޖިންސީ ފުރައްސާކުރިކަން ހާމަވެއްޖެއެވެ.

އައްޑޫލައިވަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވަނީ އައްޑޫސިޓީ މީދޫ އަވަށުގެ އަންހެނެކެވެ.

އެގޮތުން އޭނާ އެތަނުގައި މަސައްކަތްކުރަން ފެށިތާ ފުރަތަމަ އަހަރުގެ ތެރޭގައި ކައްޕިއަކު އޭނަގެ ގައިގައި ގަދަކަމުން ބައްދައި، ފައިގެ ފަލަމަސްގަނޑުގައި ހިފައި ހެދިކަމަށާއި، މި މައްސަލަ ރީޖިނަލް މެނޭޖަރަށް ހުށަހެޅުމުން މައްސަލަ އޮއްބާލަން މެނޭޖަރު އެންގިކަމަށް އޭނާ ބުންޏެވެ. އަދި މިކަމަކީ ކުންފުނީގެ ރެޕިއުޓޭޝަނާ ގުޅުންހުރި ކަމެކޭ ކިޔާފައި އާއިލާއާވެސް އެ ވާހަކަ ހިއްސާނުކުރަން ރީޖިނަލް މެނޭޖަރު އެންގިކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، މިފްކޯގެ އެހެން ސައިޓުތަކުގެ މެނޭޖަރުންނާއި މުވައްޒިފުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ޒިޔާރަތްކުރި ދުވަހު އެތަނުން އެކަކު އައިސް އޭނާގެ ގައިގައި ގަދަކަމުން ބައްދާލިކަމަށާއި، އެތަނުގައި ކެމެރާ ހުރި ވާހަކަ ބުނުމުން ތިމަންނާއަށް ވަރިހަމައޭ ބުނިކަމަށް އޭނާ ބުންޏެވެ. އަދި އޭ.އެފް.ސީގެ ވެއަރ ހައުސްއާ ހަވާލުވެގެން ހުރި މީހަކު އޭނާއަށް ފުރައްސާރަކުރި ކަމަށާއި، ހަޑި މުޑުދާރު ބަހުން މުޢާމަލާތު ކުރިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް މި މައްސަލައިގައި އޭ.އެފް.ސީގެ އެޗް.އާރަކަށް ހުންނެވި ބޭފުޅާގެ ފަރާތުން ވަރަށް އެއްބާރުލުން ލިބުނު ކަމަށާއި، އެކަމުގެ ސަބަބުން އޭނަ ފްރޭމްކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށް އޭނާ ވަނީ ބުނެފައެވެ.

މިކަމާގުޅޭ ގޮތުން ވާހަކަދައްކަވަމުން މިފްކޯގެ ހިއުމަން ރިސޯސެސް އާއި އެޑްމިނިސްޓްރޭޝަންގެ ޖެނެރަލް މެނޭޖަރު ހުސައިން ޝުއާޒް ވިދާޅުވީ، މިފަދަ އެއްވެސް މައްސަލައެއް ރަސްމީ އަދި ނުރަސްމީ ސިފައެއްގައިވެސް ހުށަހެޅިފައިނުވާ ކަމަށާއި، ކުންފުނިން މިފަދަ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލާކަމަށެވެ. އަދި ހަމައެހެންމެ، ރީޖިނަލް މެނޭޖަރުގެ ފަރާތުން މައުލޫމާތު ސާފުކުރެއްވިއިރު މިފަދަ މައްސަލައެއް ރަސްމީ ސިފައެއްގައި ހުށަހަޅާފައި އޮތް ކަމަކަށް ނުފެންނަ ކަމަށާއި، އެހެންކަމުން އެއަށް ކޮމެންޓު ކުރެއްވަން ދަތިކަމަށް ޝުއާޒް ވިދާޅުވިއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ޖިންސީ ފުރައްސާރައިގެ މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، މިކަހަލަ މައްސަލަތައް ބަލަން ޚާއްސަ ކޮމިޓީއެއްވެސް އޮންނަކަމަށް ޝުއާޒް ވަނީ ވިދާޅުވެފައެވެ.