Last Updated: April 27, 09:06
Saturday, April 27, 2024
ޚަބަރު

ދަނޑު ހަލާކުކޮށްލިކަމަށް ބުނާ ވާހަކަ މީދޫ އޮފީހުން ދޮގުކޮށްފި

ހަލާކުކޮށްލިކަމަށް ބުނާ ދަނޑު

އައްޑޫސިޓީ މީދޫ އަވަށުގެ މީހަކު ހައްދާފައި އޮތް ދަނޑެއް ހަލާކުކޮށްލިކަމަށް ބުނާ ވާހަކަ އެ އަވަށު އޮފީހުން ދޮގުކޮށްފިއެވެ.

މީދޫ މަތިކިޅި ސަރަހައްދުގައި އެ އަވަށުގެ މީހަކު ހައްދަމުން އައި ދަނޑެއްގައި ތިބި ރުއްގަސްތައް ކަނޑާލާފައިވަނީ ބަދަލު ނުދީކަމަށް ބުނެ ބައެއް ނޫސް މީޑިއާތަކުގައި ރިޕޯޓްކުރުމާއި ގުޅިގެން މީދޫ އަވަށު އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ.

އެގޮތުން، އެ ސަރަހައްދުގައި ބަހާއުއްދީން މަގުގެ ވޯޓާ ޑްރެއިނޭޖް ސިސްޓަމުގެ އައުޓް ފްލޯ ހޮޅި އެޅުމަށްޓަކައި އެމްޓީސީސީން ފަސް އަޅައި ބަރަމުން އަންނަ މަގަކީ އެއްވެސް މީހެއްގެ ރުއްގަސްތައް ތިބި ތަނެއް ނޫންކަމަށް އެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން އެ މަގު ބެރުމަށްޓަކައި އެތަނުން ކަނޑަންޖެހޭ ރުއްގަސްތަކަކީ ރަޖިސްޓަރީ ކޮށްފައިތިބި ރުއްގަސް ތޯ ބަލާފައިވާނެކަމަށާއި، އޮފީހުގައި ރަޖިސްޓަރީކޮށްފައި ތިބި ރުއްގަސްތަކުގެ ތެރޭގައި އެ ރުއްގަސްތައް ނުހިމެނޭކަމަށް އަވަށު އޮފީހުން ވަނީ ބުނެފައެވެ.

ހަމައެހެންމެ، އެ ސަރަހައްދަކީ ދަނޑުވެރިކަން ކުރުމަށް ބިން ދޫކޮށްފައިވާ ސަރަހައްދެއް ނޫންކަމަށާއި، މިފަދަ ޚަބަރުތައް ގެނެސްދެއްވާއިރު ތެދު މައުލޫމާތު ގެނެސްދެއްވުމަށް އެ އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީދޫ ބަހާއުއްދީން މަގުގެ ވޯޓާ ޑްރެއިނޭޖް ސިސްޓަމުގެ އައުޓް ފްލޯ ހޮޅި މި ސަރަހައްދުގައި އެޅުމަށްޓަކައި އީ.އައި.އޭވެސް ހަދާފައިވާނެކަމަށާއި، އެކަން ކުރަމުން އަންނަނީ ޕްލޭނިންގ މިނިސްޓްރީ އާއި އެމް.ޓީ.ސީ.ސީން އެއްބަސްވުން ހަދާފައިވާ ގޮތަށް ކަމަށް އަވަށު އޮފީހުގެ ބަޔާނުގައި ވެއެވެ.

މީގެ ކުރިން ހުޅުދޫ-މީދޫ ބަހާއުއްދީން މަގު ހެދުމަށްޓަކައި އެ މަގުގެ އުތުރު ފަރާތުގައި ތިބި ބައެއް ގެތަކުގެ ރުއްގަސްތައް ކަނޑައި އޮޅުތައް ބަރާލަން ޖެހުނެވެ. ނަމަވެސް އެ ރުއްގަސްތަކާއި އޮޅުތައްވެސް ރަޖިސްޓަރީކޮށްފައި ނެތުމުން ބަދަލު ނުދެވުނުކަމަށް މީދޫ ދާއިރާގެ ކައުންސިލަރު ވަނީ ފާހަގަކުރައްވާފައެވެ.